ނިއު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ބޭއްވި ހައި ލެވެލް އިންޓަނޭޝަނަލް ކޮންފެރެންސްއާއެކު ނެރުނު ނިއުޔޯކް ޑެކްލެރޭޝަނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ޑެކްލަރޭޝަނަކީ ދާއިމީ ސިޔާދަތެއް އޮންނަ ފަލަސްތީނުގެ ދައުލަތެއް އދ. ގެ ފުރިހަމަ މެންބަރު ކަމާ އެކު އޮންނަން ބައިނަލް އަގުވާމީ މުޖުތަމައު ތާއީދު އޮތް ކަން ހާމަކޮށްދޭ މުހިންމު ޑެކްލަރޭޝަނެެއް ކަމަށެވެ.

ރައީސް ސިފަކުރެއްވީ މިއީ ބައިނަލްއަގުވާމީ މުޖުތަމައުން ފަލަސްތީނަށް ޓަކައި ކަނޑައެޅި މުހިންމު އަމާޒެއް އަދި ވައުދެއް ގޮތުގަ އެވެ.

“މިއީ އިޒްރޭލުން މިހާރު ދެމުން ގެންދާ ހަމަލާތަކުން ފަލަސްތީނަށް ދެމެހެއްޓެނިވި ގޮތެއްގައި އަރައިގަތުމަށް އެހީތެރިވެދިނުމާއި ފަލަސްތީނުގެ އިގްތިސާދީ ހަރުދަނާކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ވެފައިވާ ވަރުގަދަ ވައުދެއް,”

ފަލަސްތީނާއެކު ދިވެހި ދައުލަތް އަބަދުވެސް ދެމިއޮންނާނެ ކަމަށް ދެމުންދާ ޔަގީންކަން ރައީސްގެ ބަޔާނުގައި ވެސް ތަކުރާރު ކުރައްވާފައިވެ އެވެ.